މުޙައްމަދު އީމާން
02 June 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ބޮޑު ތަފާތަކުން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެގޮތުން މޯދީގެ މި ދަތުރުފުޅަކީ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައްޔިތުން މަޖިލީހުގައި އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ، ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ އިރުރޮއްސި 6:45 ގައި ކަމަށެވެ.

އަދި އެ ޖަލްސާއަށް ސަރުކާރު ކެބިނެޓްގެ ވަޒީރުންނާއި އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނަށް ވެސް ދައުވަތު އަރުވާނެއެވެ.

ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު މޯދީއަށް ދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަޖލީހަށް ހުށަހެޅިއިރު، މަޖިލީހުން ވަނީ މިދިޔަ ދުވަހު އެކަމަށް ރުހުން ދީފައެވެ.

އާ މަޖިލިސް ހުވާ ކުރުމަށްފަހު ބޭއްވި ދެވަނަ ޖަލްސާގައި އެގޮތަށް ފާސްކުރީ އެދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭން ބޭރުގެ މެހެމާނަކު ނުވަތަ އެންމެ މަތީ ވެރިއަކު މަޖިލީހުގެ ތަގުރީރު ކުރެއްވޭނީ އެކަމަށް މެންބަރުންގެ ރުހުން ލިބިގެންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާއިރު، ރައީސް ސޯލިހު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭން ބޭރަށް އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©