މުޙައްމަދު އަންވަރު
02 June 2019
މަޤްބޫލު ޙަބަރު

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ދިރާސާއެއް ކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރާއްޖެ ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ޝަރުއީ ދާއިރާ އަށް ބިރުދައްކާ އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ރާއްޖޭގެ ޖުޑިޝަރީގެ މިނިވަން ދިރާސާއެއް ކުރުމަށް ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރީގްލާރ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެގޮތުން ކަމާގުޅޭ މަޝްވަރާތައް ކުރުމަށްޓަކާ މިދިޔަ ބުދަ ދުވަހު ރިޓަޔާޑް ޖަސްޓިސް ކްރީގްލާރއާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާ ބައްދަލުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ހާލަތު ހުރި ގޮތާއި ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރެވުނު ކަމަށެވެ.

އޭގެ އިތުރުން ސިޔާސީ ނުފޫޒާއި ބިރުދެއްކުންތަކާއި ފަނޑިޔާރުގޭގެ ހުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓާލައި ބަދުނާމު ކުރުމުގެ މަގްސަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭގޮތުންނާއި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމާ ގުޅޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތު ވެސް އޭނާއާ ހިއްސާ ކުރެވުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކާމެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި ރިޓަޔާޑް ޖަސްޓިސް ކްރީގްލާރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި “ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުންފަދަ ގޮތެއް އިހްތިޔާރު ކުރުން ރަނގަޅުވާނެ” ކަމަށް ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި “ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަސް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް” ތަކުރާރުކޮށް ވިދާޅުވި ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

“އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓްގައި ރައްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެ ކަމަށް ވެސް ވިދާޅުވެ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ،” ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ، ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާން ވާނީ ޕްރޮފެޝަނަލް ކަމާއި މިނިވަންކަމާ އެކު، ފަންނީ ލަފާދިނުން ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ޔޮހާންގެ އަމަލުތައް ހުރީ ޝަރުއީ ދާއިރާއާ މެދު ނަފްރަތު އުފެދޭ ގޮތަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

“އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުއީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ޝަރުއީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައް ވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ކުރިއްސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ،” ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އަދުލުއިންސާފުގެ ނިޒާމް އިސްލާހު ކުރުމަށް އެ ކޯޓުން އިސްނަގައިގެން އިހްލާސްތެރި މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އިސްލާހު ކުރާނެ ގޮތާމެދު މަޝްވަރާ ކުރަން ބޭއްވި ކޮންފަރެންސް އާއި އޭގެ ފަހުން އެކުލަވާލި މަގު ޗާޓްގެ ވާހަކަތައް ވަނީ ފާހަގަކޮށްފަ އެވެ.

އެ ބަޔާން ނިންމާލަމުން ސުޕްރީމް ކޯޓުން ވަނީ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©