މުޙައްމަދު އިބްރާހިމް
02 June 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވި ސުލޫކީ މައްސަލައަކީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ މައްސަލަކަން އެނގިއްޖެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިކަން ހާމަކުރީ މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއެވެ.

އެއީ ކޮންކަހަލަ ސުލޫކީ މައްސަލައެއް ކަމަށް އަމީން އާންމު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ސިޓީގައި ވަނީ ސިޔާސީ ބޭފުޅަކަށް ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ސުލޫކީ މައްސަލައެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދު ހުށަހެޅުއްވި މައްސަލައަކީ 2015 ވަނަ އަހަރުގެ ތެރޭގައި އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް، އޭނާއަސް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އޭރު އަބްދުﷲ ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރި އެ ފައިސާއަކީ ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް ނެންގެވި ފައިސާކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެ ފައިސާ ދީފައިވަނީ ކޮން ފަރާތަކުން ކަމެއް އަދި ސާފެއް ނުވެއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރައީސް ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ހިލާފަށް ފަނޑިޔާރަކު ހިފާ ހައްޔަރު ކުރުމުގެ ތުހުމަތުގައެވެ. އެ ހުކުމް ބާތިލް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު 26 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©