ނަސްވާ ހަސަން
03 June 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ނަމަ، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވަން ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަނޑައަޅައިފި އެވެ.

މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މެމްބަރުން އިއުލާން ކުރެއްވީ މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ. އެގޮތުން ގަވާއިދުގައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅުން ކަނޑައަޅާނީ މަޖިލިހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުން ކަމަށާއި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ.

އޭގެ އިތުރުން ގަވައިދުގައި ބުނާގޮތުގައި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ ފަސް މެމްބަރުންގެ ދެމެދުގައި ކަމަށާއި  އިސްކަންދޭންޖެހޭނީ މުއްދަތަށް ކަމަށެވެ. އަދި މެމްބަރު ކަމުގެ މުއްދަތު ދެ މެމްބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ނަމަ، އުމުރުން ދޮށީ މެމްބަރަކަށް އިސްކަން ދޭންޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ ވިލުފުށީ ދާއިރާގެ އަފީފް ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން މެމްބަރުންގވެއިހްސާސްތަކާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

އޭގެ އިތުރުންމަރަދޫ ދާއިރާގެ ޝަރީފް ވިދާޅުވީ އޭނާއާ ހަވާލު ކުރެއްވި ބޮޑު ޒިންމާ އާއި މަސްއޫލިއްޔަތު އަމާނަތްތެރިކަމާ އެކު އަދާކުރައްވާނެ ކަމަށާއި ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ ލާބައާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©