މުޙައްމަދު އަންވަރު
03 June 2019
މަޤްބޫލު ޙަބަރު

ހައްޤު ނޫން އެއްވެސް ފައިސާއެއް އަމިއްލަފުޅު އެކައުންޓުގައިވެސް އަދި ގުޅުންހުރި އެކައުންޓެއްގައިވެސް ނުހުންނާނެ ކަމަށް ވިދާޅުވި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމުގެ ތުހުމަތު ގައި މައްސަލަ އެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އާއި އޭނާގެ އާއިލާގެ ނަމަށް ހަޑިވާ ގޮތަށް ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޖިނާއީ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބޭންކުގައި ފައިސާ ޖަމާކުރުން ފަދަ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކުތަކުން ރަނގަޅަށް ބަލަހައްޓާނެ ކަމަށާއި، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެ މައުލޫމާތުތައް ބޭނުންވެއްޖެ ހިނދެއްގައި ލިބެން ހުންނާނެ ކަމަށް އަބްދުﷲ ދީދީގެ ބަޔާނުގައި ވެއެވެ. އަދި ކުރެވޭ ތުހުމަތު ތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކީ ވެސް ޤާނޫނުން ލިބިދޭ ހައްޤެއް ކަމަށާއި، އެފަދަ އެއްވެސް ފުރުސަތެއް ދިނުމެއް ނެތި މީޑިއާތަކުން އޭނާގެ އަބުރާއި ނަން ކިލަނބުކޮށްލާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކުރައްވާފަ އެވެ..

“ފަތުރަމުންދާ ހަގީގަތާ ޚިލާފް ވާހަކަތައް ދޮގުކޮށް، ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުން ހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،” އަބްދުﷲ ދީދީގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރައްވާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©