މުޙައްމަދު އިބްރާހިމް
03 June 2019
މަޤްބޫލު ޙަބަރު

މާދަމާއަކީ 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ މާދަމާއަކީ ފިތުރު އީދު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭގޮތުން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާއަށްފަހު އިއްވި ހަނދާއިބެހޭ ބަޔާނުގައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރެއްވި އެ ބަޔާން އިއްވަވާ ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހް އިލްޔާސް ޖަމާލް އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މިއަދުގެ އިރުއޮއްސުމަށްފަހު ރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހުޅެވި ހަނދު ފެންމަތިވެފައި ހުންނާނޭ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ޔަގީންވާތީ އާއި އިސްލާމީ ބަައެއް ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ހަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.

“ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތީން، މާދަމާ، މީލާދީން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވާ އަންގާރަ ދުވަހަކީ 1440 ވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅައިފީމެވެ،” ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ ނައިބަށް އަދި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އިސްލާމިކް މިނިސްޓަރު ވަނީ ފޮނުއްވައިފައެވެ.

އަދި މާތްﷲ ދިވެހީން ހިފި ރޯދަ އާއި މި ހެޔޮ މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލުފުޅުކުރައްވާ ފާފަ ފުއްސެވުމަށާއި ރަމަޟާން މަހަށްފަހު ވެސް އެ ހެޔޮކަންތައް ކުރުންމަތީ ދެމިތިބުމުގެ ތައުފީގު ދެއްވުމަށާއި ރާއްޖެއަށާއި އިސްލާމީ އުއްމަތަށް ބަރަކާތްތެރި އުފާވެރި އީދުގެ ދުވަސްތައް ތަކުރާރުކުރެއްވުމަށް ދުއާ ދަންނަވާފައިވެއެވެ.

މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅިއިރު، އެއީ ކަލަންޑަރުގައި ވެސް ބުނެފައިވާ ގޮތެވެ. ކަލަންޑަރުގައި ބުނާގޮތުން، މި ރަމަޟާން މަހަކީ 29 ދުވަހުގެ މަހެކެވެ. އެހެންކަމުން މިއަހަރުގެ ފިތުރު އީދު ދުވަސް ވާނީ މާދަމާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©