މުޙައްމަދު އިބްރާހިމް
03 June 2019
މަޤްބޫލު ޙަބަރު

އުފާވެރި އީދަކާ މިއަދު ބައްދަލުކުރާއިރު މިއަދަކީ ފަގީރުންނާއި މިސްކީނުންނާއި ނިކަމެތީންނަށް އެހީތެރިކަން ފޯރުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި މަރުހަބާ ދަންނަވާ ރައީސް އާންމު ކުރެއްވެވި ހިތޯބުގައި ވިދާޅުވީ، އީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ، މުޖްތަމަޢުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ޙާލަތު ކަމަށެވެ.

އެގޮތުން އުފާވެރި ޢީދަކާ އަޅުގަނޑުމެން މި ބައްދަލުކުރީ، ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ޙާލަތު ހަނދާންކޮށްދިން މޫސުމަކަށްފަހުގައި ކަމަށާއި އެހެންކަމުން މިއަދަކީ އެމީހުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

“އިޖްތިމާޢީ ޢަދާލަތުގެވެސް އެންމެ މުހިންމު މަޤްޞަދަކީ، މުޖްތަމަޢުގެ ފަރުދުން، އެއް ހަމަކޮށްދިނުމާއި، ތަފާތުކުރުމާއި ހަވާސާކުރުން ނެތިކޮށްލުމެވެ. ދީލަތިކަން އިސްކޮށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެކެވެ.” ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، އީދު ދުވަހަކީ އުފާ ފައުޅުކޮށް، ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާންގަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަސް ކަމަށާއި ލޯތްބާއެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ މިއަދު ކަމަށެވެ.

އަދި އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވީ މި ދުވަހުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެކެވެ.” ރައީސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©