މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި ދޯންޏެއްގެ ހަބަރު ނުވެގެން ހޯދަމުން ދަނިކޮށް އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮއްވާ އެމްއެންޑީއެފުން ހޯދައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނީ، “އުފުރިޔާ” ނަމަކަށް ކިޔާ 33 ފޫޓްގެ ދޯންޏެއް ކަމަށެވެ.

އެ ދޯނި ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ އިރު އޮއްސެނިކޮށެވެ. އަދި އެމްއެންޑީއެފަށް އެ ދޯނި ފެނިފައިވަނީ ރޭ 11 ޖަހަން ކައިރި ވެފައި ވަނިކޮށް ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް “އުފުރިޔާ” ދޯނި ފެނުނު އިރު އޭގައި ތިން ދިވެހިން ތިއްބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެމްއެންޑީއެފްގެ އުޅަނދެއް އެ ދޯނި ކައިރީ ހަރަކާތްތެރިވަމުން ދެއެވެ. އަދި އެ ދޯނި އޮތް ސަރަހައްދުން ދޯންޏަށް ފޯނުން ގުޅުމުގައި ރޭންޖުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©