މުޙައްމަދު އިބްރާހިމް
04 June 2019
މަޤްބޫލު ޙަބަރު

ސިޑަބްލިއު ކޮންސްޓުރަކްޝަނުން ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް މަގުމައްޗަށް ވެއްޓި، ކާރަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ޑަބްލިޔު ކޮންސްޓުރަކްޝަން ކުންފުނިން ސޯޝަލް ސެންޓަރު ކައިރީގައި ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތެއް މިއަދު މެންދުރުފަހު 2:14 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް، ދަގަނޑު ހޮޅި ކާރެއްގެ މަތީގައި ޖެހި ކާރަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.

ޑަބްލިޔު ކޮންސްޓުރަކްޝަންގެ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކުންފުނިން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ އުމުރުން އެންމެ ހަތް ބަނގުލަދޭޝް އަންހެން ކުއްޖާ، ރައުޝާން ޖިއާން ވަނީ މަރުވެފައެވެ.

އަދި ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ހަ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އެއީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސަކަށެވެ. ދައުވާކުރަން ފޮނުވި ދެ ދިވެހިންގެ ތެރޭގައި ޑަބްލިޔު ކޮންސްޓުރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް ހިމެނެއެވެ.

އެގޮތުން ދައުވާކުރަން ފޮނުވި މީހުންގެ ތެރެއިން ތިން ބިދޭސީން ވަނީ ކުށަށް އިއުތިރާފް ވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©