މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

ކ. ހުރާ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ދޯނީގެ އިތުރުން ތިން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 01:51 ހާއިރު އެވެ. ނުރައްކާތެރި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައިވަނީ ޖެޓީއަށް ދޯނި ކައިރި ކުރަން އުޅުމުގެތެރޭގައި އޭގެ އިންޖީނުގެ ގިއަރު ނަރު ކަނޑައިގެން ގޮސް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

އެގޮތުން ދޯނި ޖެހުމުގެ ސަބަބުން އެއް ލޯންޗްގެ ކަނާއަތް ފަރާތުން ދެ ތަނަކުން ފަޅައިގެން ގޮސް މަތީ ދަގަނޑުތައް ލެނބި ސަތަރި ނެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ލޯންޗްގެ ވާއަތް ފަރާތު މަތިން ރެނދުލައި ކަނާއަތް ފަރާތުގެ ސަތަރި ނެއްޓި އަރިމަތިން ގޭނި ފަހަތުން ބައެއް ނެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ތިން ވަނަ ލޯންޗަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ނަމަވެސް އެ ލޯންޗްގެ ވެސް ސަތަރިން ބައެއް ނެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ދޯނި ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©