މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ތަރައްގީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ

ރައީސް އެހެންވިދާޅުވެފައިިވަނީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ތިމާވެށީގެ ޙިމާޔަތް ކުރުމުގެ މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައިކަމަށާއި އެގޮތުން ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް އަންނަނީ ހޯދައިދެމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތިމާވެއްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ “އެއަރ ޕޮލިއުޝަން” ނުވަތަ “ވައި ތަޣައްޔަރުވުން” މިއީ، ދުނިޔޭގެ ތިމާވެށީގެ އިތުރުން، އިންސާނުންގެ އާންމު ސިއްހަތާ ވެސް ނުހަނު ބޮޑަށް ގުޅިފައިވާ ޝިއާރެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުއުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާކަމަށާ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ރައްކާތެރިކަމަށް އެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަހައްދުތަކުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ތިމާވެއްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ސޯލިހް އިލްތިމާސްކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރި އިރު، ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައިކަމަށެވެ. އެގޮތުން ޞިނާޢީ ބޮޑެތި ކާރުޚާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާންޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©