މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ދެ ފަހަރެއްގެ މަތިން ހައްޔަރު ކުރި ދެ މީހުން ދޫވުމުގެ އިހުމާލު ފުލުހުންނާއި ކްރިމިނަލް ކޯޓުން އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ގެއެއް ބަލާ ފާސްކޮށް ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނަކު ހައްޔަރު ކުރިއެވެ. ނަމަވެސް އިއްޔެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ ކަމަށް ބުނެ އެ ދެ މީހުން ދޫކޮށްލިއެވެ. އަދި އޭގެ ފަހުން ރޭ އަނެއްކާވެސް ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ދެމީހުން ހައްޔަރުކޮށްފައެވެ. އަދި މިއަދު އެ ދެ މީހުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. ސަބަބެއް ކަމަށް ބުނީ ފުލުހުން އިޖުރާއަތްތަކާ ހިލާވެފައިވާތީ ކަމަށެވެ.

ފުލުހުން ވަނީ ނިޒާމްގެ ތަރުތީބު މުގުރާލާއިފަ

އެކަމާ ގުޅިގެން މިރޭ ކުރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވާތީ ކަމަށާއި   އެ ހަބަރު ފުލުހުން މީޑިއާއަށް ފޯރުކޮށްދިނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި، ޝަރުއީ ދާއިރާގެ ތަސައްވުރު ނުބައިވާ ގޮތަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އޮތް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އިތުރު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

އެގޮތުން އެ ދެ މީހުން ހައްޔަރުކޮށް އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފުލުހުން އަމަލު ކުރަމުންދާ ސުވާލު އުފެދޭ ގޮތް، ކަމާބެހޭ މުއައްސަސާތަކާއި އާންމުންގެ ސަމާލު ކަމަށް ގެންނަ ކަމަށް ވެސް ކްރިމިނަލް  ކޯޓުގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނަނީ އެ މައްސަލާގައި ވެސް އަމަލު ކުރީ ކުރިން ވެސް އަމަލުކުރާ ގޮތަށް ކަމަށް:

މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ.

ފުލުހުން އަމަލުކުރާ ގޮތަކީ، ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމަށް ފަހު، ގާނޫނުއަސާސީގައި ބުނާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު އެ މީހަކަށް ތަހުގީގު އޮފިސަރަކު ހަމަޖެއްސުމެވެ.

“މިއަދު ކޯޓަށް ގެންގޮސްފައިވަނީ ކޭސް އެސައިން ކުރެވުނު އިންވެސްޓިގޭޓާ. މީއީ ވޭތުވެދިޔަ ތަނުގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތް. އަދި ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން،” ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©