މުޙައްމަދު އީމާން
06 June 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުގައި 19 އަހަރުގެ އެމީހާ ހުޅުމާލެއިން ހައްޔަރުކުރީ މިިދިޔަ މަހު 25 ވަނަ ދުވަހުގެ ދަންވަރުއެވެ.

އޭނާ ފުލުހުންނާ ހަވާލުކުރުމުގެ ކުރިން، ބަޔަކު ވަނީ އެމީހާ އޭނާ ބޮކްސާ ކޮޅުގައި ހުޅުމާލެ ތެރޭގައި ގަން ހިންގުވައިފައެވެ. އަދި ކުޑަ ދެ ކުއްޖަކާ ބެހުނު ކަމަށް އޭނާ އިއުތިރާފުވާ ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ.

އޭނާ ހައްޔަރުކުރުމަށްފަހު، މިދިޔަ 26 ވަނަ ދުވަހު އޭނާގެ ބަންދަށް ކޯޓުން ވަނީ 12 ދުވަސް ޖަހައިދީފައެވެ. ބަންދުގެ އެ މުއްދަތު ހަމަވީ މިއަދުއެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށާއި އެކަމުގައި އިޖުރާއީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ މައްޗަށް އެކަށީގެންވާ ހެއްކެއް ވެސް ހުށަހެޅިފައެއް ނުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©