މުޙައްމަދު އިބްރާހިމް
06 June 2019
މަޤްބޫލު ޙަބަރު

ތިން ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރި ދެމައިންގެ ތެރެއިން ދަރިފުޅުގެ ބަންދުގެ މުއްދަތު ޖަހައި، މަންމަ ދޫކޮށްލައިފިއެވެ.

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން އެންމެ ފުރަތަމަ މި ދެމައިން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި އިޖުރާއީ މައްސަލަތަކެއް އުޅޭތީ ކޯޓުން އެ މީހުން ދޫކޮށްލިއެވެ.

ދެ މީހުން ދޫކޮށްލުމުން ހުޅުމާލެ ކޯޓުން އިތުރު އަމުރެއް ހޯދައިގެން މީގެ ދެ ރޭ ކުރިން އަނެއްކާވެސް އެ ދެމީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ހުޅުމާލެ ކޯޓަށް ގެންދިޔައެވެ. ނަމަވެސް ބަންދު ޖެހުމަށް ހުށަހެޅުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް ބުނެ ހުޅުމާލެ ކޯޓުން ވެސް އެ ދެމައިން ދޫކޮށްލިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި އަންހެން މީހާ ދޫކޮށްލީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށްފަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ފުލުހުންނާއި ކޯޓުތަކުން ދެ މުއައްސަސާގެ އިހުމާލު ދައްކަމުންދާއިރު ފުލުހުން ބުނެފައިވަނީ، އެ މައްސަލާގައި އަމަލުކޮށްފައިވަނީ ކުރީގެ މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލުން ކަމަށާއި ފުލުހުން އިޖުރާއަތްތަކާ ހިލާފުވެފައި ނޯންނާނެ ކަމަށެވެ.

ކުރިމިނަލް ކޯޓުން ވެސް ރޭ ބުނެފައިވަނީ އެ މައްސަލާގައި ފުލުހުން އަމަލު ކުރާ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން، ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި އާ އަމުރެއް ހޯދައި އަލުން އެ މީހުން ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުގެ ބަދަލުގައި ހުޅުމާލެ ކޯޓަށް ގެންދިޔުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©