މުޙައްމަދު އީމާން
06 June 2019
މަޤްބޫލު ޙަބަރު

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އަދަދު ބުނާގޮތުން، މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 5،644،118.00 ރުފިޔާ (5.6 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ.

މި އަދަދަކީ މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 1.3 މިލިއަން އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4،256،495.00 ރުފިޔާ (4.2 މިލިއަން ރުފިޔާ) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދަށް ބަލާއިރު މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބޮލަކަށް 5000 ރުފިޔާ ޖެހޭނެ ކަމަށެވެ.

ނަމަވެސް ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީވި އަދަދު އިސްލާމިކް މިނިސްޓްރީން އަދި އާންމު ނުކުރި ނަމަވެސް، އެ މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 1128 މީހުންނެވެ.

އަދި މާލެއިން އެކަނި ވެސް ގާތްގަނޑަކަށް 1000 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އާންމުކުރިއިރު، ޒަކާތުގެ ފައިސާ މިދިޔަ ހޯމަ ދުވަހު ވަނީ ބަހައިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ފަގީރަކު ނެތިގެން އެހެން ރަށްރަށަށް ވެސް ޒަކާތް ވަނީ ފޮނުވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©