މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މޯދީ ރާއްޖެ މި ވަޑައިގެންނެވީ، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަވައްޓެރި ލަންކާ އަށެވެ.

މޯދީގގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިތުރު އެހީތަކެއް ވެސް ރާއްޖެއަށް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު، މޯދީއަށް އެރުވުމަށް، ރައީސް ސޯލިހު ވަނީ ނިންމަވާފަ އެވެ. މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ސޯލިހު ނިންމެވީ، ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާގެ މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މޯދީގެ މި ދަތުރުފުޅުގައި، މިއަދު އިރުއޮއްސި ހަތެއް ޖަހާއިރު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައްޔިތުން މަޖިލީހުން ބުނީ މޯދީގެ ތަގުރީރު ކުރަންވަމުން ގެންދާނީ ހިންދީ ބަހުން ކަމަށާއި އެގޮތުން ތަގުރީރު ދެއްވަމުންދާއިރު، މަޖިލީހުގެ މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު އެ އިދާރާއިން ހަމަޖައްސަވާނެ ކަމަށެވެ.

މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރައްވާ، ބައެއް މަޝްރޫޢުތައް އިފްތިތާހް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©