މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު
modi, raees solih

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުއްވައިފި އެވެ.

ނިޝާން އިއްޒުއްދީންގެ ލަގަބް މޯދީއަށް އެރުއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރައީސް އޮފީހުން ބުނީ، މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ސޯލިހު ނިންމެވީ، ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާގެ މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބް އެރުވުމަށް ރައީސް ސޯލިހު ނިންމެވިއިރު، މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް އެ ލަގަބް ވަނީ އަރުވާފައެވެ. ނަމަވެސް މިއީ 6 އަހަރަށްފަހު އެ ޝަރަފް އިއްޒަތްތެރިއަކަށް އަރުވާ ފުރަތަމަ ފަހަރެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ކުރިން ލިބިވަޑައިގަތް އިއްޒަތްތެރިން:

15، މާޗު 1972: ޑިއުކް އޮފް އެޑިންބަރާ/ އާލް މައުންޓްބެޓަން

16 ަރުނޮވެމްބަރު 1989: ކޮމެންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް/ ޝްރީދަތު ރާމްޕާލް

2 ޑިސެމްބަރ 2009: ސައުދީ އަރަބިއްޔާގެ ޕްރިންސް/ އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދު

4 ޖޫން 2013: ފަލަސްތީނުގެ ރައީސް/ ޑރ. މަހްމޫދު އައްބާސް

ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ މިއަދު ރާއްޖެ ވަޑައިގަތްފައިވާއިރު އިންޑިއާއިން ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި އެމްއެންޑީއެފްއަށް ގާއިމްކުރާ ސިފައިންގެ ޓްރެއިނިން ސިސްޓަމް އިފްތިތާހް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއަށްފަހު މިރޭގެ މަޣްރިބް ނަމާދަށްފަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެއެވެ.

މޯދީގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާދަމާ ހަވީރު އަވައްޓެރި ސްރީލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©