ނަސްވާ ހަސަން
08 June 2019
މަޤްބޫލު ޙަބަރު

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަނީ ތަފާތު ގުޅުމެއް ކަމަށާއި އިންޑިއާގެ އަވަށްޓެރިންގެ ތެރެއިން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް ކަމަށް އިންޑިއާގެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހަފްލާގައި މޯދީ ތަގުރީރުކުރައްވަމުން ވިދާޅުވީ، މިއީ ރާއްޖެއަށް މޯދީ ކުރި ދެވަނަ ޒިޔާރަތް ކަމަށެވެ. އަދި އެންމެ ފުރަތަމަ ވަޑައިގަތީ މިދިޔަ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލު ވެވަޑައިގެން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިޔާތުގައި ބައިވެރިވުމަށް ކަމަށާއި ދިވެހިންގެ ހިތްތަކުގައިވާ ލޯތްބާއި އިހްތިރާމް އެ ދުވަހު ފެނުނު ކަމަށެވެ.

މަޖިލީސް ކުރާ ގެއަށް ތައުރީފު ކުރައްވާ މޯދީ ވިދާޅުވީ، މިއީ ހަމައެކަނި ބިނާކޮށްފައި އޮންނަ މާލަމެއް ނޫން ކަމަށާއި މިއީ ގައުމީ ތަރައްގީއާއި ސުލްހައަށްޓަކައި އެއް މިސްރާބަކަށް އަމާޒު ސީދާކުރާ ތަނުގެ އިތުރުން ގިނަ ރައްޔިތުންގެ ހުވަފެންތަކާއި އުންމީދުތަކުގެ ބިންގާ ބިނާވެފައި އޮންނަ ތަން ވެސް ކަމަށެވެ.

މޯދީ ވިދާޅުވީ، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ދެއްވި ކަމަށްޓަކައި ލަފްޒުތަކަކުން ޝުކުރު އަދާ ކުރުން ވަރަށް ދަތި ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކަކީ މިހާރު ކުރިމަތިލާން ޖެހިފައިވާ ހަގީގަތެއް ކަމަށާއި ކޯރުތަކުގެ ފެން ހިނދި، ކުރިއާއި ހިލާފަށް މޫސުން ލަފާ ކުރަން ނޭނގުމަކީ ރައްޔިތުންނަށް ދަނޑުވެރިކަމާއި ދަނޑުވެރީންނަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތެއް ކަމަށްވެސް މޯދީ ފާހަގަކުރެއްވި އެވެ.

މޯދީ އިތުރަށް ވިދާޅުވީ މުޅި އިންސާނީ ނަސްލަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަކީ ޓެރަރިޒަމް ކަމަށާއި ޓެރަރިޒަމަކީ މި ދުވަސްވަރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން މިޒަމާނުގައިވެސް ބައެއް މީހުންގެ ނަޒަރުގައި ޓެރަރިސްޓުން ތަފާތު ދެ މިންގަނޑަކުން މިން ކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ބަދު ނަސީބެއް ކަމަށެވެ. އެހެން ކަމުން އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އެކުވެރިކަމާ އެކު ޓެރަރިޒަމާ ހަނގުރާމަ ކުރާން އެބަ ޖެހޭ ކަމަށް މޯދީ ވަނީ ގޮވާލައްވާލައިފަ އެވެ.

އޭގެ އިތުރުން ރާއްޖެއަކީ އިންޑިއާގެ އަވައްޓެރިންގެ ތެރެއިން އެންމެ އިސްކަމެއްދޭނެ ގައުމު ކަމަށާއި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އާއި ގަދީމީ ފަތްފުށް ރައްކާތެރި ކުރުމުގެ އިތުރުން ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ އިންޑިއާ ސަރުކާރުން ވަރަށް މުހިންމު ކަމެއް ކަމެއް މޯދީ ވިދާޅުވި އެވެ.

ހަމަ އެފަދައިން ވާހަކަ ނިންމާލަމުން މޯދީ ވިދާޅުވީ ނޫ އިގްތިސާދުގެ ފައިދާ ހޯދުމުގައި މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެއްބާރުލުން ހޯދުމަށް ދިވެހިރާއްޖެ ފަދަ އެހެން ބައިވެރިޔަކު އިންޑިއާ ސަރުކާރަކަށް ނުހޯދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©