މުޙައްމަދު އަންވަރު
08 June 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖެ އޮންނާނީ އަބަދުވެސް އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހަށް ވަޑައިގަތް ދެ ބޭފުޅުން އެކުގައި ދެއްވި ސްޓޭޓްމެންޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، އަޅުގަނޑުމެންގެ ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއާއި ޞުލްޙައަށް މަސައްކަތްކުރާ، އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމަށާއި އަދި ރާއްޖެއާ މެދު ބަހައްޓަވާ ގާތް ކަމަށް ރައީސް ވަނީ މޯދީއަށް ޝުކުރުވެސް އަދާ ކުރައްވާފަ އެވެ.

” މަނިކުފާނު ދެވަނަ ދައުރަކަށް، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެތްކެއް، ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވަނީ، ގިނަ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ވަރަށް ވަރުގަދަ ގުޅުމެއް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުން ގުޅިފައިވާ މި ދެ ޤައުމަކީ، އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވިފައިވާ ދެ ޤައުމު ކަމަށާއި އޭގެތެރޭގައި ދެ ޤައުމުގެ އާދަކާދަތަކާއި ތާރީޚާއި ސަގާފަތް ހިމެނޭ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެތައް އަހަރެއް ކުރިންވެސް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވަނީ، ތަފާތު މުޢާމަލާތްތަކުގެ ޒަރީޢާއިން ވަރަށް ބަދަހި ގުޅުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ އަމާޒަކީ އެންމެހައި ރައްޔިތުން ޝާމިލުވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، ކުރާ މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި މޯދީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

” ދެ ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މަޝްވަރާ ކުރިން. މޫސުމަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެން ވަގުތުން ސަމާލުކަން ދޭންޖެހިފައިވާ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށް، ބޮޑުވަޒީރުވެސް އެއްބަސްވެވަޑައިގެންނެވިކަމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް އަޅުގަނޑުމެން އެއްބަސްވިން،” ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިވާ ގުޅުމަކީ، ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ގުޅުމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަތުމާއި، މިދިޔަ އަހަރު އެމަނިކުފާނު އިންޑިއާއަށް ކުރި ޒިޔާރަތާއި، އަދި، ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ މަތީ ފަންތީގެ ދަތުރުތަކުގެ ސަބަބުން، ދެ ޤައުމުގެ ގުޅުމަށްވަނީ އިތުރު ދިރުމެއް ލިބިފައި ކަމަށް ރައީސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©