މުޙައްމަދު އިބްރާހިމް
08 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން އެހީވަނީ ގައުމު ނިކަމެތިކޮށް، އަންނަން އޮތް ޖީލުތަކަށް ނުއުފުލޭ ވަރުގެ ދަރަންޏެއް އެޅުވުމުގެ ބޭނުމުގައި ނޫން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި މިރޭ ތަގުގީރު ކުރައްވަމުން މޯދީ ވިދާޅުވީ، އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން މުޅި ދުނިޔެއާމެދު ދެކެނީ އެއް އައިލާއެއްގެ ގޮތުގައި ކަމާށާއި އިންޑިއާއިން ހާސިލްކުރެވޭ ކަންކަން ދުނިޔެ އަދި ވަކިން ހާއްސަކޮށް އަވަށްޓެރިންނާއެކު ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ތަރައްގީގެ ގުޅުމުގެ ބޭނުމަކީ ގައުމު ބާރުވެރިކުރުވުން ކަމަށާއި އެއީ ރާއްޖެއިން އިންޑިއާއަށް ބަރޯސާކުރާ މިންވަރު އިތުރުކުރުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ ތަރައްގީގެ ގުޅުމުގެ ބޭނުމަކީ މީހުން ބާރުވެރިކުރުވުން. އަދި އެ މީހުން ބަލިކަށިކޮށް އަޅުގަނޑުމެންނަށް ބަރޯސާކުރާ ވަރު އިތުރުކުރުމެއް ނޫން. އަދި އަންނާން އޮތް ޖީލުތަކުގެ ކޮނޑުގައި ނޫފުލޭ ފަދަ ބޮޑެތި ދަރަނިތައް އެޅުވުމަށް ކުރާ ކަމެއް ވެސް ނޫން،” ހިންދީ ބަހުން ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އަވަށްޓެރިންނަށް ހިދުމަތް ކުރުމުގައި ވަކި ހައްދެއް ނޯންނާނެ ކަމަށް އެގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ވިދާޅުވެފައިވާ ކަމަށާއި އެގޮތުން އަވަށްޓެރިންނަށް އެހީތެރިވުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު ބިނާކޮށްފައިވަނީ އެ އިރުޝާދުގެ މައްޗަށް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ ސަރަހައްދުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުންކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަކީ އިންޑިއާ އާއި ރާއްޖެއަށް ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި އެކަމުގައި ރަނގަޅު ރަހްމަތްތެރިންގެ މިސާލެއް ދެ ގައުމު ގުޅިގެން ދުނިޔެއަށް ދެއްކިދާނެ ކަމަށް ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ އަވަށްޓެރިންގެ ގޮތުގައި ތިބުމަށް އިންޑިއާ އަށާއި ރާއްޖެއަށް އެކަށޭނެ މާހައުލެއް ތަނަވަސް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާއާއި އެގައުމުގެ ރައްޔިތުން އަބަދުވެސް ތިބޭނީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށާއި ރާއްޖެއަކީ އަވަށްޓެރިގެ ތެރެއިން އެންމެ ގާތް އެކުވެރިޔާ ކަމަށް މޯދީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©