މުޙައްމަދު އިބްރާހިމް
09 June 2019
މަޤްބޫލު ޙަބަރު

ނައިބް ރައީސް ފައިސަލް ނަސީމާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ.

ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މޯދީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ އަދި މާމިގިލި ދާއިރާގެ މެންބަރު ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ޕާޓީތަކުގެ ލީޑަރުންނާ މޯދީ މަޝްވަރާ ކުރެއްވީ ކޮން ކޮންތައްތަކާ ކަމެއް އަދި ނޭނގެއެވެ.

ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ލީޑަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބޭފުޅުންގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މޯދީ ވަނީ ރައްޔިތުން މަޖިލީހުގައި މިއަދު ބައްދަލުކުރައްވައިފައެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ. އެ ދަތުރުފުޅުގައި މޯދީ ވަނީ މިއަދު މަޣްރިބް ނަމާދަށްފަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރެއް ކުރައްވާފައެވެ. އަދި މޯދީއަށް ވަނީ ދިވެހި ސަރުކާރުން ބޭރުގެ އިއްޒަތްތެރިންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން ޣާޒީ ހަސަން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބް އަރުވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©