ނަސްވާ ހަސަން
09 June 2019
މަޤްބޫލު ޙަބަރު

ސަލާން ޖަހާ 20 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަލާން ޖަހާ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނީ، އެ މީހުންގެ ހާލަތު ދެނެގަތުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމީހުންގެ ގާތަށް ގޮސް ހާލަތު އޮޅުންފިލުވުމަށްފަހު ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުޑަކުދިންނަށާއި އުމުރުން ދުވަސްމީ މީހުން އަދި ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ ބާވަތުގެ މައްސަލަތައް ހައްލުކުރުމަށް ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޖެންޑާ މިނިސްޓަރު ވަނީ “އިންޓަރވެންޝަން” ގެ ނަމުގައި ހަތަރު މީހުންގެ ކޮމިޓީއެއް ވަނީ އެކުލަވާފައިފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ ކޮމިޓީން އެފަދަ 20 ފަރާތަކަށް އެހީވުމަށް ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން އިނާޔަތްތައް ލިބުމަށް ޝަރުތު ހަމަވާ، ނަމަވެސް މިހާތަނަށް އެ ފަދަ އެލަވަންސެއް ލިބެމުންނުދާ ފަރާތްތަކަށް އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެލަވަންސް ލިބޭނެ މަގުފަހިކޮށްދީފައިވާ ކަމަށެވެ.

އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދީފަައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމަ އެހެންމެ ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތެއް، ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދީ، އިތުރު އެއް ފަރާތަކަށް ޖެންޑާ މިނިސްޓްރީން ވަނީ ވަޒީފާ ކަށަވަރުކޮށްދީފައެވެ.، އަދި އެފަދަ އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ވެސް އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ އާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ހައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް ކުރި މަސައްކަތުން ދެ ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ ދެ މައްސަލައެއް ކަމުގައި ފާހަގަކުރެވިފައިވާ ކަމަށޤ ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އަދި އެކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ ދެ މައްސަލަ ބަލަމުންދާ ކަމަށާއި އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©