ނަސްވާ ހަސަން
09 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތައް ހަދައި ބެލެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހާއްސަ ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައީސްގެ ގަރާރަކުން “ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި މިއަދު އުފެއްދި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ރައުސުލްމާލަކީ 50 މިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެ ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މަގުތައް ހެދުމުގެ ނަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ސަރުކާރުން ހިންގި އެވެ.

ނަމަވެސް، ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ކުރީކޮޅު އެ ކުންފުނި ވަނީ އުވާލައިފަ އެވެ. އަދި އުވާލިއިރު އެ ކުންފުންޏަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©