މުޙައްމަދު އިބްރާހިމް
09 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ގޭމް ކަމަށްވާ ޕްލޭޔާރއަންނޯންސް ބެޓަލްގްރައުންޑްސް މޮބައިލް (ޕަބްޖީ)އަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

“ޕަބްޖީ މޯލްޑިވްސް ޓޯނަމެޓް”ގެ ނަމުގައި މިދިޔަ މޭމަހުގެ 1 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭއްވި އެ މުބާރާތަކީ ޕަބްޖީއަށް ހާއްސަކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ މުބާރާތެވެ.

PUBG Tournament

އެ މުބާރާތް އިންތިޒާމްކުރި ލައިޒަމް ލަތީފް ވިދާޅުވީ، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ބޭއްވި އެ މުބާރާތުގައި 64 ސްކޮޑާއެކު 303 ކުޅުންތެރިން ބައިވެރިވި ކަމަށެވެ.

ސްޓޭޖް ތަކަކަށް ބަހާލައިގެން ހުރިހާ ސްކޮޑަކާ ވާދަކުރަންޖެހޭ ގޮތަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ 21 ސްކޮޑެކެވެ. އެއީ ކުޅުނު ހުރިހާ މެޗަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ސްކޮޑްތަކެވެ.

އެގޮތުން ދަރުބާރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މުބާރާތުގެ ގްރޭންޑް ފިނާލޭގައި ހުރިހާ ސްކޮޑަކާ ވާދަކޮށް މުބާރާތް ކާމިޔާބުކުރީ “އޯޕީއެމް” ނަމަކަށް ކިޔާ ސްކޮޑެކެވެ. އެއްވަނަ އިނާމެއްގެ ގޮތުގައި އެ ސްކޮޑަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ސޮފްޓްވެއާރ ފާމްއެއް ކަމަށްވާ ސަމުގާގެ ފަރާތުން ސްޕޮންސާކުރި އެ އިނާމު އެއްވަނަ ސްކޮޑަށް ހަވާލު ކޮށްދެއްވީ ގްރޭންޑް ފިނާލޭ ޝަރަފްވެރި ކޮށްދެއްވި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ.

އެއްވަނަ ސްކޮޑްގެ އިތުރުން މުބާރާތުގެ ދެވަނަ އަދި ތިން ވަނަ އަށް ދިޔަ ޓީމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވެސް ވަނީ އެވޯޑް ދީފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ރީމެކްސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިނާމް ލިބުނީ މިފްޒަލް އަހުމަދަށެވެ.

އެގޮތުން މުބާރާތުގެ ދެ ވަނައަށް ދިޔަ ސްކޮޑަށް ޕާސަނަލް ކޮމްޕިއުޓާސް އިން އިނާމު ހުށަހެޅިއިރު ތިން ވަނަ އަށް ދިޔަ ޓީމަށް އިނާމް ހުށަހެޅީ ޑޭމްސްޓައިލްއިންނެވެ.

ލައިޒަމް ވިދާޅުވީ، މި މުބާރާތަށް ސްޕޮންސަރުންނާއި ހާއްސަކޮށް ޔޫތް މިނިސްޓްރީން ލިބުނު ތަރުހީބު ބޮޑުކަމުން އިތުރު އީ-ސްޕޯޓްސް މުބާރާތެއް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

އެގޮތުން މުބާރާތަށް އިނާމް ހުށަހެޅި ސަމުގާ އާއި ޕާސަނަލް ކޮމްޕިއުޓާސް، ރިމެކްސް އަދި ޑޭމް ސްޓައިލްގެ ނަން ފާހަގަކޮށް މުބާރާތުގެ ބެވަރޭޖް ޕާޓްނަރު ކޮކާ ކޯލާ އަދި ކޭޓަރިން ޕާޓްނަރު އެކްޒޯން ގާޑަންއަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ.

އޭގެ އިތުރުން މުބާރާތަށް އިންޓަނެޓް ހަމަޖައްސައިދިން ދިރާގަށާއި ސްކްރީން، ލައިޓްސް އަދި ސައުންޑް ޕާޓްނަރަކަށް ހަރަކާތްތެރިވި އޮފިޝަލް އިވެންޓްސް އަދި މުބާރާތުގެ ހުރިހާ މެޗެއް ފޭސްބުކްގައި ލައިވް ސްޓްރީމް ކުރުމުގައި ބުރަކޮށް ހަރަކާތްތެރިވި މަޝްހޫރު ޝާރިގް ވީޑިއޯގުރަފީގެ ނަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް މުބާރާތް ބޭއްވި ޕަބްޖީ މޯލްޑިވްސްގެ ފަރާތުން ޝުކުރު އަދާކުރިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©