މުޙައްމަދު އަންވަރު
09 June 2019
މަޤްބޫލު ޙަބަރު

އިދިކޮޅު މައި ޕާޓީ ޕީޕީއެމް ފިޔަވައި އެހެން ތިން ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ މިއަދު ފިނޭންސް މިނިސްޓްރީން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވި ގޮތަށް ތިން ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން މެމްބަރުން އެންމެ ގިނަ އެމްޑީޕީ އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިން އިރު ޖޭޕީ އަދި އެމްޑީއޭ އަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފިނޭންސް މިނިސްޓްރީން ވަނީ ޖަމާކޮށްދީފައިވެ އެވެ.

ޕީޕީއެމް ހިމަނައިގެން ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް ޕީޕީއެމަށް ލިބެންޖެހޭ ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދީ ހިފަހައްޓާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށާއި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އުނުކޮށްފައު ނުވާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އީސީގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު މި އަހަރު ފައިސާ ލިބޭނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©