މުޙައްމަދު އަންވަރު
09 June 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތްއިރު ރާއްޖެ އިތުރަށް ދަރަނިވެރިވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯދީގެ ދަތުރުފުޅު ނިމުނުއިރު ރާއްޖޭގެ ތަރައްގީ އަށް އެކަށީގެންވާ ހިއްސާއެއް ނުލިބި، ރާއްޖެ އާއި ދިވެހި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ.

މިއަދުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގެންގުޅޭ އުސޫލަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްގިގުލާލަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަކަށް އިގްތިސާދީ ގޮތުން ބަރޯސާވުން ކަމީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ސަރުކާރަށް މި ޒަމާނުގެ ވައްޓަފާޅީގައި ވިޔަފާރީގެ ވިސްނުންތަކެއް ނޭގޭ ކަމަށާއި ބަވަނަ ވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިގްތިސާދީ ގޮތުން މިނިވަންކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި އިސްނަގައި ކާމިޔާބު ކުރުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޕީއެމުން އެންމެ ބޮޑަށް ކަންބޮޑުވުން ފަޅުކޮށްފައިވަނީ އިންޑިއާގެ ކޮޗީ މާލެ އަދި ކުުޅުދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ގާއިމް ކުރުމަށް ދިވެހި ސަރުކާރާ އެކު ވީ އެއްބަސްވުމަށެވެ. ފެރީގެ ހިދުމަތުގެ އެއްބަސްވުމަކީ އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި ރާއްޖޭގެ ކަނޑުތައް ސާވޭ ކުރުމަށް އިންޑިޔާ ސަރުކާރުން އެހީ ހޯދުމާ ބެހޭ އެއްބަސްވުމަކީ ރާއްޖޭގެ އެންމެ ހައްސާސް އަދި އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ޓެރިޓޯރިއަލް މައުލޫމާތުތައް އެހެން ގައުމަކާ ހިއްސާކުރެވޭ ގޮތަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.

“މިއީ ޒަމާނުއްސުރެ ސަރުކާރުތަކުން ގަސްދުގައި ނުކޮޮށް ބާއްވާފައިވާ މުއާމަލާތެއްކަމާއި، އެއީ މިފަދަ ކަންކަމީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކަމުގައިވާތީ ކަމުގައި ރައްޔިތުންގެ މައުލޫމާތުތަށްޓަކައި ދަންނަވަމެވެ” ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމް ބެލެހެއްޓުމަކީ ހަމައެކަނި ދިވެހި ސިފައިންގެ ބާރުގެ ތެރޭގައި އޮންނާނެ ކަމެއްކަން ޔަގީން ކުރުމަށްވެސް ޕީޕީއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©