Fri, 3 April, 2020, 6:09 am
ފުލުހުންނަށް ފިލަން ފުންމާލި މީހަކު ހޯދަން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލިއްޖެ

ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަން އެމީހަށް އެނގުމުން، ފެރީން ކަނޑަށް ފުންމާލި މީހަކު ހޯދަން ދިޔަ ތިން މީހުން ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައި އޭގައި އިން އެކަކު ގެއްލިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފެރީގައި ހުރި މީހާ ފުންމާލީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާވަރަލު ކައިރި އަށް ކަމަށާއި އެ މީހާ ފުންމާލުމުން އޭނާ ހޯދަން ޑިންގީއެއްގައި ތިން މީހަކު ގޮސްގެން އުޅެނިކޮށް އެ ޑިންގީ ބަންޑުންޖަހާލީ ކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން އެކަކު ފަތާފައި މާވަރަލު އަށް އަރާފައިވާއިރު ދެ ވަނަ މީހާ ކަނޑުހުޅުދޫ ދޯންޏަކުން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމަށް ރަށު ރައްޔިތުންނާއި ފުލުހުންގެ އިތުރުން ކޯސްޓް ގާޑުން ވެސް ހަރަކާތްތެރިވަމުން އަންނައިރު  ފިލަން ފުންމާލި މީހާ އަށް ވީ ގޮތެއް ވެސް އަދި ނޭނގެ އެވެ.

Leave a comment

Your email address will not be published.