ނަސްވާ ހަސަން
10 June 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު ކަން ފުރުއްވި މުއުމިނާ ޙަލީމުގެ ނަމުގައި ހަދައިގެން އުޅެނީ ފޭކް އެކައުންޓެއް ކަމަށް ވިދާޅުވެ ކަންބޮޑުވުންތައް މުއުމިނާގެ އާއިލީ ބޭފުޅަކު މެދުވެރިކުރައްވައި ޓުވިޓާގައި ކުރު ވީޑިއޯ މެސެޖެއް އާއްމުކުރައްވައިފި އެވެ.

 ދިވެހި ދައުލަތުންދޭ އެންމެ މަތީ ޝަރަފުކަމުގައިވާ ނިޝާން އިއްޒުދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންފައިވާ، މުއުމިނާގެ ނަމުގައި ފޭކް އެކައުންޓެއް ހަދާފައި ވަނީ މިމަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ފޮލޯކޮށްފައިވާއިރު މުއުމިނާގެ ނަމުގައި ކޮށްފައިވަނީ ތިން ޓްވީޓެވެ.

 އެކަމަނާ ވިދާޅުވީ އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނީ އެކަމަނާ ދުނިޔެއަށް ވަޑައިގެންނެވި ޤަރުނުގައި ކަމަށާއި މޯބައިލް ފޯނެއް އަދި އިންޓަނެޓްވެސް ބޭނުން ނުކުރާ ކަމަށެވެ. އަދި ފޯނެއްގެ ގޮތުގައި ގެންގުޅެނީ ލައިން ނަންބަރެއް ކަމަށް މުއުމިނާ ވިދާޅުވި އެވެ.

 އެކަމާއި ކަންބޮޑުވުން ފާޅުކޮށް މުއުމިނާ ވިދާޅުވީ އެކަމަނާގެ ފޮޓޯ ޖަހައިގެން، އެހެން މީހެއް ކަމަށް ހެދިގެން އެކަންތައް ކުރާމީހެއް އެނގިއްޖިއްޔާ އެމީހަކު ޝަރީއަތަށްވެސް ފޮނުވަން ބޭނުންވާ ކަމަށެވެ.

“އަޅުގަނޑުގެ ނަމުގައި އެކަންތައްކޮށްގެން ނުވާނެ ނޫންތޯ؟ އަޅުގަނޑުގެ ހިތަށް ނާރާ އެއްޗިއްސާއި، އަޅުގަނޑު ބުނަން ބޭނުންނުވާ އެއްޗެހި ބުނެފައި، ފޮޓޯވެސް ޖަހާފައި.” އެ ވީޑިއޯގައި އެކަމަނާ ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ދިވެހި ދައުލަތަށް ދިގުމުއްދަތެއްގައި އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ މުއުމިނާ ހަލީމްގެ އާއިލީ ބޭފުޅެއް ކަމުގައިވާ ކަރަންކާ އިބްރާހިމް ރަޝީދުގެ ނަމުގައިވެސް މީހަކު ދަނީ ފޭކު ޓުވިޓާއެކައުންޓެއް ހިންގަމުންނެވެ.

އެކަމުގެ ރައްދުގައި މުއުމިނާ ވިދާޅުވީ، އެކަމަނާގެ ބޮޑުބޭބޭފުޅުގެ އުމުރުން މިހާރު 90 އަހަރު ފުރިއްޖެ ކަމަށެވެ. އަދި އެ އުމުރުގައި ސޯޝަލް މީޑިއާ ބޭނުންފުޅު ކުރައްވާ ޓްވީޓްކުރަން ނުކުމެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެހެން މީހުންނަށް ވެގެން އެފަދަ ކަންތައް ކުރާ މީހުން ފޮނުވަންވީ ޝަރީއަތަށް ކަމަށްވެސް މުއުމިނާ ވިދާޅުވި އެވެ.

މުއުމިނާ ހަލީމަކީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު، ގެ ދައުރުގައި މިނިސްޓަރ އޮފް ހެލްތުގެ މަޤާމު ފުރުއްވާފައިވާ ބޭކަނބަލެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަންވެސް ވަނީ ދެފަހަރެއްގެ މަތިން ކުރައްވާފައިވާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©