ނަސްވާ ހަސަން
10 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވައިލެވިފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އިއުލާންކޮށްފި އެވެ.

މިއަހަރުން ފެށިގެން ޤައުމީ އިނާމު ދެއްވަމުން ގެންދަވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ކަމަށް މި ސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ.

ޤައުމީ އިނާމު މިފަހަރުވެސް ދެއްވާނީ މައިގަނޑު 33 ދާއިރާއަކުންނެވެ.

އަންނަ ޖުލައި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވޭނެ އެވެ.

ފޯމު ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެގޮތުން ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުންވެސް ފޯމް ޑައުންލޯޑް ކުރެއްވޭނެއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އޭގެ އިތުރުން ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©