މުޙައްމަދު އިބްރާހިމް
10 June 2019
މަޤްބޫލު ޙަބަރު

މަތީ ތައުލީމަށް ކިޔަވަން ސަރުކާރުން ހުޅުވާލި ލޯނަށް އެދި ކުރިމަތިލި ގިނަ ބަޔަކަށް ލޯނު ނުލިބި ޝަކުވާ ބޮޑުވުމުން، ލޯނު ދިނުމުގެ އުސޫލު މުރާޖައާކޮށް އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ދެ ގިންތިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ލޯނަށް 242 ޖާގަ ހުޅުވާލިއިރު އެ ލޯނު ހޯދުމަށް 993 ދަރިވަރަކު ފޯމު ހުށަހެޅިއެވެ. ނަމަވެސް ލޯނަށް ޝަރުތު ހަމަވީ އެންމެ 79 ދަރިވަރެކެވެ

މި މައްސަލާގައި ދަރިވަރުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި ފޯމް ހުށަހެޅި ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ފުރުސަތު ގެއްލުނީ އުސޫލާ ހިލާފަށް ފޯމް ހުށަހެޅުމުންނެވެ.

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ގިނަ އަދަދެއްގެ ދަރިވަރުން ޑިސްކޮލިފައި ވުމުން އެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

އެހެންކަމުން ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް މަތީ ތައުލީމާއި ތަމްރީނަށް އެހީ ދިނުމުގެ އުސޫލު މުރާޖައާ ކުރުމަށްފަހު، އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރުސަތު ހުޅުވާލާނީ ލޯނު ނުދީހުރި ބާކީ ސްލޮޓް ތަކަށެވެ.

މިނިސްޓަރު ވިދާޅުވީ، އަލުން ލޯނަށް އެދި ހުޅުވާލާއިރު ޑިސްކޮލިފައިވި ދަރިވަރުންނަށް ވެސް ޕޯޓަލްގެ ތެރެއިން ކުރިއަށްވުރެ ލުއި ފަސޭހަކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އުސޫލާ ހިލާފުވެގެން ޑިސްކޮލިފައިކުރި ދަރިވަރުން ފޯމްތައް ވެސް ޕޯޓަލް މެދުވެރިކޮށް، އިސްލާހު ކުރަންޖެހިފައިވާ ކަންތައް އިސްލާހު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެގޮތަށް އެޕްލިކޭޝަން އަލުން އިސްލާހުކުރާއިރު، ޑިސްކޮލިފައިވި ސަބަބުތައް ރަނގަޅަށް ބަލައި އުސޫލާ އެއްގޮތަށް ލިޔުންތައް ފޮނުވަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ފުރަތަމަ ބުރުގައި ހުށަހެޅި ގިނަ ފޯމްތަކެއް ޑިސްކޮލިފައިވި ސަބަބުތައް ވެސް ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ފުރަތަމަ ބުރުގެ ލޯނަށް ހުޅުވާލީ ރާއްޖޭން ބޭރުގައި ކިޔެވުމަށް ނަމަވެސް 106 ދަރިވަރުން ރާއްޖޭގައި ކިޔެވުމަށް ފޯމް ހުށަހެޅި ކަމަށާއި އަދި ލޯނު ދިނުމަށް ހަމަޖެހިފައި ނުވާ ގައުމުތަކުގައި ކިޔެވުމަށް އެދި 192 ދަރިވަރުން ފޯމް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެޓެސްޓުކޮށްފައި ނެތް ލިޔެކިޔުންތައް ހުށަހެޅުމުން 183 އެޕްލިކޭޝަނެއް ރިޖެކްޓްކުރިއިރު، ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަހަޅާފައިވާނުވާތީ 271 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓް ކޮށްފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©