މުޙައްމަދު އަންވަރު
11 June 2019
މަޤްބޫލު ޙަބަރު

މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިފްތިތާޙް ކުރި ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގައި ސްކޫލެއްގެ ކުދިންތަކެއް ކުލާސްރޫމްގެ ބިންމަތީގައި ބައިތިއްބައިގެން ނާސްތާ ދިން ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ބުނެފި އެވެ.

ތަޅުންގަނޑުމަތީގައި ދަރިވަރުންނަށް ނާސްތާ ދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެ ފޮޓޯއިން ފެންނަނީ ވަރަށް ތުއްތު ކުދިންތަކެއް އެ ކުދިންގެ ކުލާސް ރޫމްގެ މުށިގަނޑުމަތީ އިށީނދެގެން ތިބޭތަނެވެ. އަދި ކޮންމެ ކުއްޖަކަށް ކުރިމަތީގައި ބާއްވާ އޮންނަ ގަނޑުގެ މަތީގައި ހެނދުނުގެ ނާސްތާގެ ގޮތުގައި ދިން ސޭންޑްވިޗަކާއި ކިރު ޕެކެޓެއް ބަހައްޓާފައި ހުރެ އެވެ.

އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދިޔަ ސްކޫލެއްގެ ދެ ކުލާސް ރޫމެއްގައި ދަރިވަރުންނަށް ނާސްތާ ދީފައިވަނީ އުޞޫލާ ޚިލާފަށްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރުން ހިންގާ މިފަދަ ޕްރޮގުރާމްތަކަށް ބެލެނިވެރިންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާކަމަށާއި އެހެންކަމުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާއިރު ކާތަކެތީގެ ސާފުތާހިރުކަމަކީ އެ މިނިސްޓްރީއިން އެންމެ އިސްކަންދޭ އެއްކަން ކަމަށެވެ.

އެގޮތުން ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް ސްކޫލުތަކުން ޢަމަލުކުރަމުންގެންދޭތޯ މިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަން ބެލެނިވެރިންނާއި ރައްޔިތުންނަށް ދޭކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެފަދަ ޢަމަލެއް ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©