މުޙައްމަދު އަންވަރު
11 June 2019
މަޤްބޫލު ޙަބަރު

އައްޑޫގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޓާޝިއަރީ ހޮސްޕިޓަލަށް ކިޔާނެ ތިން ނަމެއް ކަނޑައަޅައި، އެ ނަންތަކަށް ހިޔާލު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން އެ ހޮސްޕިޓަލަށް ކިޔުމަށް ނިންމާފައިވާ ތިން ނަމަކީ، އިކުއަޓޯރިއަލް އައްޑޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް އަދި ސްވާދިވް ހޮސްޕިޓަލެވެ.

އެގޮތުން އިކްޓޯރިއަލް އިން ދޭހަކޮށްދެނީ އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށެވެ. އެތަނަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި ތަނެކެވެ.

ދެވަނަ ނަން ކަމުގައިވާ އައްޑޫ ހޮސްޕިޓަލް ނިސްބަތް ވަނީ އެ އަތޮޅުގެ ނަމަށެވެ. އަދި ތިން ވަނަ ނަން ކަމުގައިވާ ސުވާދިވް އިން ދޭހަކޮށްދެނީ ދެކުނުގެ ހަތަރު އަތޮޅެއް އިނގިރޭސިންނާ ބައިވެރިވެގެން މީގެ 50 އެތައް އަހަރެއް ކުރިން އުފެއްދި ސަރުކާރަށެވެ.

ހިތަދޫގައި ހުރި އީސީސީގެ އިމާރާތް 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓުރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ހަވާލުކުރީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ނޮވެމްބަރު 14، 2016ގައެވެ.

އެ ހޮސްޕިޓަލްގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހް ސައީދު މިދިޔަ މަހު މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©