މުޙައްމަދު އަންވަރު
11 June 2019
މަޤްބޫލު ޙަބަރު

މާލޭ މަގުމަތިން ޒުވާން އަންހެނަކަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހާ ހައްޔަރުކޮށް އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގުމަތިން އަންހެނަކާ ފޮށުނު މީހާގެ މައްސަލަ ފެންމަތިވީ، ފުރައްސާރައާ ކުރިމަތިވި އަންހެނަކު އެ އެފިރިހެން މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ފޮށުނު މީހާގެ ވީޑިއޯ ޓުވިޓާގައި އާންމުކުރަމުން އޭނާގެ ފަރާތުން ފުރައްސާރައާ ކުރިމަތިވި އަންހެންމީހާ ބުނެފައިވަނީ، އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތްކޮށް ފޮށެމުން ޗާންދަނީ މަގުގައި ހުންނަ ސްކޫޕް ކެފޭއާ ހަމައަށް އެ ފިރިހެންމީހާ ސައިކަލުގައި ދުއްވާފައި ދިޔަ ކަމަށެވެ.

އެއާއެކު، އޭނާއަކީ އާންމުކޮށް މަގުމަތިންދާ އަންހެނުންނާ ފޮށި ހަދާ މީހެއް ކަމުގެ ތުހުމަތު ވެސް ގިނަ ބަޔަކު ކުރިއެވެ.

ފުލުހުން މީގެ ކުރިން ބުނީ، އެ އިދާރާއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 56 އަހަރުގެ ފިރިހެނެއް ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ހައްޔަރުކުރި މީހާގެ ފަރާތުން އެހެން އަންހެނުންނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމަށް ފާހަގަކުރެވޭތީ އެ މައުލޫމާތުތައް ވެސް ހިއްސާކޮށްދޭން އެދޭ ކަމަށެވެ.

އެގޮތުން އެ ފިރިހެންމީހާގެ ފަރާތުން ފުރައްސާރައިގެ އަމަލެއް ކުރިމަތިވެފައިވާނަމަ 9790163 ނުވަތަ 3000600 އަށް ގުޅައި ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©