Sat, 18 January, 2020, 12:32 am
އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ ދީފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

އެ ސާވިސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަދީބު، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ، އެ ހުއްދަ އޭނާއަށް ދީފައިވާ ކަމަށެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދެވެނީ އެކަމަށް މެޑިކަލް ބޯޑުން ހުއްދަ ދީ، ކޮމިޝަނާ އޮފް ޕްރިޒަންސް އެކަމަށް ރަސްމީކޮށް ހުއްދަ ދިނުމުންނެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައިވާއިރު، ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އަދި އަދީބަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިމިވަނީ އެކަމަށް އޭނާ އެދެމުން އަންނަތާ ވަނީ އެތައް ދުވަހެއް ވެފަ އެވެ.

އަދީބު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނާ ގޮތުގައި އަދީބަށް ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ އަދި އެތެރެހަށީގެ ސިސްޓެއް އުފެދިފައެވެ. އަދި އެކަމަށް މީގެކުރިން ރާއްޖެއިން ވެސް އޭނާ ފަރުވާ ހޯދާފައިވާއިރު އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް ބުނެ އަދީބުގެ ފަރާތުން ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ.

އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމްގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވެ، އޭނާ އެއްކޮށް މިނިވަންވާނެއެވެ.

Leave a comment

Your email address will not be published.