Sat, 25 January, 2020, 11:07 am
ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުން ސެޝަން ފަށާނީ ފަތިސް ނަމާދުން: މިނިސްޓަރު

ސްކޫލްތައް އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަދު ރާއްޖޭގެ 22 ސްކޫލެއްގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށެވެ. ވަށާ ޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ ހުނަރުވެރި، ތައުލީމީ، ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން، އެއަށްފަހު ކުދިން ތަފާތު ކުޅިވަރު އަދި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސްކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކުލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި،” މިނިސްޓަރު ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާގެ މަތީންކަން ފާހަގަކުރައްވާ މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، ސްކޫލްތައް ބަދަލުވުމުން ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށް ގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި ވިދާޅުވީ، ތައުލީމީ އާ މަންހަޖުގެ މަގްސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓުގެ ނަތީޖާއަށް ބެލުން ނޫން ކަމަށާޢި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖުތަމައުއަށް ނެރެދިނުން ކަމަށެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން އެ އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ މުޖުތަމައުއަށް ބޭނުންހިފޭ ބަޔަކަށް ނުވާކަމުގެ ޝަކުވާ ވަރަށް ގިނައިން އިވޭ. ސަރުކާރުން މިހާރު ކުރިއަށް މިގެންދަވާ ވަށާ ޖެހޭ ތައުލީމުެގެ މަޝްރޫއުގެ ބޭނުމަކީ މި ޝަކުވާތަކަށް ނިމުމެއް ގެނައުން،” މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ.

ހިޔާލު ފައުޅުކުރައްވާ

  1. ކިހާ ފަސޭހަކަމެއް ސްކޫލްއަށް ގޮސްފައި އަނެއްކާ ގެއަށް އައިސް ފެންވަރައިގެން ސްކޫލްއަށް ދިޔުން

  2. ގަޑިއަށް ނަމާދު ކުރަން އާދަކުރުވަންޖެހޭ.. ނަމަވެސް އަހަރުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އެތުރިފައި އޮތްގޮތުން ތިގޮތަށް ތިކަން ވޯރކެއް ނުކުރާނެ. ޚާއްސަކޮށް ހެނދުނު ހެނދުނާއި ތިގޮތަށް ގޮއްސަ އައިސް ހެދުންތައް ތިހާ ކައިރި ކޮށް ނުކުރެވޭނެ އެންމެނަކަށް.. ފެއިލް ވާނެ ގޮތެއްކަމަށް ގިނަބަޔަކު ދެކޭ.

Leave a comment

Your email address will not be published.