ނަސްވާ ހަސަން
12 June 2019
މަޤްބޫލު ޙަބަރު
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ފަރުވާދެނީ، ރާއްޖެ އިން ލިބެން ނެތް ފަރުވާއަކަށް ވުމާއިއެކު އެކަމަށް ޑޮކްޓަރުން ވަނީ ތަކުރާރުކޮށް ލަފާ ދީފައި ކަމަށެވެ.

އަދި ރާއްޖެ އިން ބޭރުން މާހިރަކު ގެނެސްގެން ވެސް އަދީބަށް ފަރުވާދެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތުންވެސް އޭނާ ބޭރަށް ފޮނުވުން ނޫން އިތުރު ގޮތެއް ނުފެނުނު ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ، އަދީބު ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމުމާއި ގުޅިގެން ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައި ކަމަށާއި އަދީބާއި އެކު ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އަދި އިންސާފު ކުރިމައްޗަށް އަދީބު ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން އިއްވި ތިިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ޚިޔާނާތުގެ ކުށުގައި އެވެ. އެގޮތުން ޚިޔާނާތުގެ ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގާފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ، އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ. އަދި އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©