މުޙައްމަދު އީމާން
12 June 2019
މަޤްބޫލު ޙަބަރު

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން އިނާޔަތެއް ދިނުމަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ބިލަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ބިލުގައި ގާނޫނުއަސާސީއާ އާރުޒު ކަންތައްތަކެއް ހުރުމުން އަލުން ވިސްނެވުމަށް އެދިވަޑައިގެން ތަސްދީގު ނުކުރައްވާ އާ މަޖިލީހަށް ފޮނުވާލައްވައިފައެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) 18 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލް ފާސްކުރިއިރު، ނައިބު ރައީސްއަކަށް ދައުލަތުން މަހަކު 35،000 ރުފިޔާ ގެ އިނާޔަތެއް ދޭން ނިންމި އެވެ.

ނަމަވެސް ރައީސް ސޯލިހު، އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލީ އެ ބިލަކީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެއެވެ.

އެގޮތުން އެ ބިލް މަޖިލިހުން މިއަދު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު އިންނެވިއެވެ.

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މިވަގުތު ދުނިޔޭގައި އެބަ ތިއްބެވެ. އެ ބިލް ފާސްވިނަމަ އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މުހައްމަދު ވަހީދުއްދީނާއި އަދި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމް މިހާރު ބާތިލްކޮށްފައިވާއިރު، އިތުރު ދައުވާއެއް ނުއުފުލައިފިނަމަ އަދީބަށް ވެސް އެ އިނާޔަތާއި ރައްކާތެރިކަން ލިބިލައްވާނެއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

Leave a Reply

Your email address will not be published.

haftha.mv ©