Fri, 17 January, 2020, 11:32 pm
Photo: Avas Online
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފިއެވެ. އޭނާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާގައެވެ.

ޖޭއެސްސީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި ސުލޫކީ މައްސަލައާ ގުޅިގެން ކަމަށެވެ.

އަދި އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ތަހުގީގު ކުރަމުންދާތީ ކަމަށް ވިދާޅުވިއެވެ.

“ކޮމިޝަނުގެ ގާނޫނުގައި އެބަ ބުނޭ ތަހުގީގީ އެއްވެސް އިދާރާއަކުން މައްސަލަ ބަލަމުންދާ ކަމަށްވާނަމަ އެކަމާ މެދު ގޮތެއް ނިންމަން. އެހެންވީމަ އެކަމާ ގުޅިގެން މިއަދު ވަނީ ގޮތެއް ނިންމިފައި” ޒަހީން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި ސުލޫކީ މައްސަލައަކީ ސިޔާސީ ބޭފުޅަކަށް ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމަށް ތުހުމަތުކުރާ މައްސަލައެވެ.

އަދި އެ މައްސަލައަކީ 2015 ވަނަ އަހަރުގެ ތެރޭގައި އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް، އޭނާއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އޭރު އަބްދުﷲ ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރި އެ ފައިސާއަކީ ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް ނެންގެވި ފައިސާކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެ ފައިސާ ދީފައިވަނީ ކޮން ފަރާތަކުން ކަމެއް އަދި ސާފެއް ނުވެއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރައީސް ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ނަމަވެސް އޭނާއާމެދު ކުރެވޭ ތުހުމަތުތަކާ ގުޅިގެން އަބްދުﷲ ދީދީ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ އެކައުންޓަށް ނުހައްގު އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ ނޫސްތަކުގައި ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި ހައްގު ނޫން ފައިސާއެއް އޭނާގެ ނުވަތަ އޭނާއާ ގުޅުންހުރި އެއްވެސް އެކަންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެއެވެ

Leave a comment

Your email address will not be published.