ނަސްވާ ހަސަން
12 June 2019
މަޤްބޫލު ޙަބަރު
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި، ޚާރިޖީ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. 
ބުދަ ދުވަހު މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔަރ އާއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން 2 ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެއަށްފަހު ދެން ބައްދަލުކުރެއްވީ އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް އާއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. 
އޭގެ އިތުރުން ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުންތައް ވެސް މިނިސްޓަރ ޝާހިދު ވަނީ އެކަމަނާގެ އަތްޕުޅަށް އަރުވާފައެވެ.
މިއީ ނޮވެމްބަރު މަހު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ކުރައްވާ 2 ވަނަ ރަސްމީ ދަތުރުފުޅެވެ.

Leave a Reply

Your email address will not be published.

haftha.mv ©