Sun, 19 January, 2020, 12:36 pm
ރައީސް އޮފީހަށް ކޮރަޕްޝަންގެ 400 އެއްހާ މައްސަލަ ލިބިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ގާއިމުކުރި އޮންލައިން ޕޯޓަލްއަށް މިހާތަނަށް 400 އެއްހާ މައްސަލަ ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފިއެވެ.

މިކަމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ވިސްލްބްލޯވާ ޕޯޓަލްއަށް މިހާތަނަށް 400 އެއްހާ މައްސަލަ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ސުވާލު އުފެދޭ 18 މައްސަލައެއް މިހާރު ވަނީ އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އޭސީސީއަށް ފޮނުވި މައްސަލަތައް އިތުރަށް ބަލައި ތަހުގީގުކުރުމަށްވެސް އެދިފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން އެކުލަވަލާފައިވާ ޕްރެޒިޑެންޓް އެކްޝަން ކޮމިޓީން، ޕޯޓަލް އަށް ލިބޭ މައްސަލަތައް ބަލާ ކަމަށް ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ، އެ ކޮމިޓީން ބެއްލެވުމަށްފަހު، އޭގެ ތެރެއިން ސުވާލު އުފެދުނީ 18 މައްސަލައެއް ކަމަށާއި އެ މައްސަލަތައް އިތުރަށް ބެލުމަށް އެބޭފުޅުން ފޮނުވި ކަމަށެވެ. އަދި ބާކީ ހުރި ކަންކަމުގައި އެހާ “ސަބްސްޓެންސް ނެތް” ކަންކަމަށް ބެލެވޭތީ އެކަންކަން ވަނީ ދޫކުރެވިފައި ކަމަށް ހޫދު ވިދާޅުވިއެވެ.

“ޒީރޯ ޓިލަރަންސް ޓު ކޮރަޕްޝަން” ސިޔާސަތުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހުން ލޯންޗުކޮށް، ސަރުކާރުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭނެ ޕޯޓަލްއެއްވެސް ވަނީ ރައީސް އޮފީހުން ތައާރަފުކޮށްފަ އެވެ.

Leave a comment

Your email address will not be published.