މުޙައްމަދު އީމާން
13 June 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކޮށްފައި މިވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން އިއްޔެ ނިންމުމާ ގުޅިގެން، އެ މައްސަލައަކީ ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާއާ ގުޅިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާ ހިލާފަށް އަދި ގާނޫނުއަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ އެ ހުށަހަޅާފައިވާ ގޮތަށް ޖޭއެސްސީއަށް ބަލައިގަނެ، އެ ކޮމިޝަނުން ބަލައި، އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމާއި ޖޭއެސްސީން އޭނާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުންނާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖޭއެސްސީން އިއްޔެ ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވެއެވެ.

އަދި އެ މައްސަލައާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީ އަށާއި އަދި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ، އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އިއްޔެ އިން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކެހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖޭއެސްސީން އިއްޔެ ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ.

އަދި ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިއުމަށާއި ޖޭއެސްސީގެ ބަޔާންކުރެވުނު ނިންނުމާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީއާމެދު އިއުތުރ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީގެ މައްޗަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ކުރި އަމުރުގައި ބުނެފައިވެއެވެ.

އަދި އެ ނިންމުމަކީ އަބްދުﷲ ދީދީ އެ ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ވިސްނައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެ ކޯޓަށް ލިބިދީފައިވާ ގާނޫނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ މައްޗަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް އަމުރުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©