Sun, 19 January, 2020, 12:11 pm
ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ނެގޭ މިންވަރު 80 ޕަސެންޓަށް ބޮޑުކުރަނީ

ޕެންޝަން ފައިސާއިން ފަރުޟު ހައްޖުވުމަށް ނެގޭ މިންވަރު ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރުމުގައި އަމަލުކުރާ ގަވައިދުގައި ބުނާގޮތުން، ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ފަރުޟު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރު ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ޕެންޝަން ފަންޑުން ނެގޭނެ އަދަދު ބޮޑުކުރަން ނިންމައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ފޮނުއްވާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ހައްޖަށްދާން ޕެންޝަން ފައިސާއިން ދޫކުރާ ނިސްބަތް 80 ޕަސެންޓަށް ބޮޑުކުރުމަށެވެ. ނަމަވެސް އެ ބިލާ ގުޅުން ހުރި އިތުރު ތަފްސީލެއް މިއަދުގެ ބައްދަލުވުމުގައި ހޫދު ދެއްވާފައެއް ނުވެއެވެ.

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލިހަށް ހުށަހެޅީ ސަރުކާރުންނެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފާސްކުރިއިރު، ޕެންޝަން ސްކީމުގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ.

އެގޮތުން ޕެންޝަން ފައިސާއިން ފަރުޟު ހައްޖުވުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާ އުސޫލުގައި ބުނާގޮތުން، ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ.

އަދި ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ރުފިޔާ ހުންނަންޖެހެއެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

ގަވާއިދުގައި ބުނާގޮތުން، ޕެންޝަން ސްކީމުން ފަރުޟު ހައްޖުވުމަށް ދޫކުރާ ފައިސާ ލިބުމަށް އެދި ކޮންމެ އަހަރަކު ހުށަހަޅާ ބައިވެރިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފައިސާ ދޫކުރެވޭނެއެވެ.

Leave a comment

Your email address will not be published.