Thu, 4 June, 2020, 12:13 am
މުސާރަ އާއި އިނާޔަތުން 85،000 އުނިކުރަން ނަޝީދު އެދިވަޑައިގެންފި
96

ކުރީގެ ރައީސްގެ ހަސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން ބައެއް އުނިކުރަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައި، އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި މަހަކު 172,000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތައް:

– މާލީ އިނާޔަތް: 75,000 ރުފިޔާ

– އޮފީސް ހިންގެވުމަށް: 87,000 ރުފިޔާ

– އެކޮމަޑޭޝަން: 10,000 ރުފިޔާ

އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް މުސާރަ އާއި އެލަވެންސްގެ ގޮތުގައި 73,125 ރުފިޔާ ލިބިލައްވާނެއެވެ. އެއީ މަޖިލީހުގެ ރައީސްއަށް މުސާރައިގެ ގޮތުގައި ދޭ 53،125 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ އެވެ.

އެހެންކަމުން ދައުލަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ކޮންމެ މަހަކު ވެސް ދޭ މުސާރަ އާއި އެލަވެންސްގެ ޖުމްލަ 245,125 ރުފިޔާ އަރާނެ އެވެ.

ރައްޔިތުން މަޖިލީހުން މިއަދު ވިދާޅުވީ، ރައީސްކަން ކުރރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން ބައެއް އިނާޔަތްތައް ދޫކޮށްލެއްވުމަށް އެމަނިކުފާނު ނިންމަވައި އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ރައީސްކަން ކޮށްފައިވާ ފަރާތަކަށް ދައުލަތުން ދޭ އިނާޔަތުގެ ފައިސާގެ ތެރެއިން ރައީސް ނަޝީދު އުނިކުރަން ނިންމެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ  75,000ރުފިޔާ އާއި އެކޮމަޑޭޝަންގެ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 10,000 ރުފިޔާ އެވެ.

ރައީސް ނަޝީދު އެދިވަޑައިގަތް ގޮތަށް، އެމަނިކުފާނަށް ލިބިލައްވާ ކުރީގެ ރައީސްގެ އެލަވަންސުން ބައެއް ފިނޭންސް މިނިސްޓްރީން އުނިކޮށްފި ނަމަ، ދެން އެމަނިކުފާނަށް މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި ދައުލަތުން ލިބޭނީ ޖުމްލަ 160،125 ރުފިޔާ އެވެ.

Leave a comment

Your email address will not be published.