މުޙައްމަދު އިބްރާހިމް
13 June 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ފުޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިއީ ބަދަލުގެ ހިފުމުގެ މަގްސަދުގައި ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅު ކޮންގުރެސް ޕާޓީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ  (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުލް ރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމަށް މިއަދު ކުރިމަތިވަމުން ގެންދާ ގޮންޖެހުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ހަމަޔާ އިންސާފު ހޯދައި ދިނުމުގެ ނަމުގައި މުޅި ނިޒާމް ފުޑާ ލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އަބްދުލް ރަހީމް ވިދާޅުވެފައިވެއެވެ.

“މިއީ ބަދަލު ހިފުމުގެ މަގްސަދުގައި އެމްޑީޕީ އިން ހިންގާ ޖަރީމާއެއް،” ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި އަބްދުލް ރަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އަބްދުލް ރަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭގޮތަށް ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހުށަހެޅި ބައެއް ފަނޑިޔާރުންނާމެދު އެ ކޮމިޝަނުން ފިޔަވަޅު އަޅަމުންދަނީ ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށް ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ހާއްސަ ގޮތެއްގައި ޖޭއެސްސީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއަށް އަމާޒުވާ ރިޝްވަތުގެ މައްސަލައަކީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭރު ފަނޑިޔާރު ދީދީ ހުންނެވީ ކުރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ތުހުމަތުތައް ފަނޑިޔާރު ދީދީ ދޮގު ކުރައްވައެވެ.

އެހެން ނަމަވެސް އެ މައްސަލައަކީ ފުލުހުން ވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވުމުން ޖޭއެސްސީން އިއްޔެ ވަނީ ފަނޑިޔާޜު ދީދީ ސަސްޕެންޑް ކުރަން ނިންމައިފައެވެ. އެ ނިންމުން ނިންމި ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވައިގެން ވޯޓު ވެސް ދެއްވިއެވެ.

ނަމަވެސް ޖޭއެސްސީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ)ގައި ބުނެފައި އޮންނަނީ، އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެ އެވެ.

އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިޝަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެ މައްސަލައަކާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©