Thu, 4 June, 2020, 1:08 am
އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އެބައޮތް: ޖޭއެސްސީ
4

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގި ނަމަވެސް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ އަދި ދެމިއޮތް ނިންމުމެއް ކަމަށާއި އެކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކޮމިޝަނުގެ  ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ސަސްޕެންޑް ކުރަން ޖޭއެސްސީން އިއްޔެ ނިންމާފައި ވަނިކޮށް، އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އިތުރު ފިޔަވަޅެއް ފަނޑިޔާރު އަބްދުﷲ އާ މެދު ނާޅަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ޖޭއެސްސީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީއާ ޖޭއެސްސީގެ ގާނޫނުން ހިލާފް އަމުރެއް ކަމަށެވެ. އެގޮތަށް ފާސްކޮށްފައިވަނީ އެ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކޮށްފައި މިވަނީ، ޖޭއެސްސީ އަށް ހުށަހެޅި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން އިއްޔެ ނިންމުމާ ގުޅިގެން، އެ މައްސަލައަކީ ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާއާ ގުޅިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާ ހިލާފަށް އަދި ގާނޫނުއަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

Leave a comment

Your email address will not be published.