މުޙައްމަދު އަންވަރު
14 June 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގައި އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އެދިވަޑައިގެންފި އެވެ.

ރިއްފަތު އެގޮތަށް އެދިވަޑައިގަތީ ޝަރުއީ ދާއިރާގެ ކަންކަން ބަލާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކުރުމުން އެ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް އެދޭ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ހުރަސް އެޅުން ހުއްޓުވައިދިނުމަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދިނުމަށް އެ ކޮމިޝަނުގައި އިންނަވާ ބަންޑާރަ ނައިބް ރިއްފަތު ވަނީ މިރޭ އެދިވަޑައިގެންފަ އެވެ.

“މި ނިންމުން ދަމަހައްޓައި، ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް، ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި މި ހިނދުން މި ހިނދަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވުމަށް އެދެން،”

“ދެވަނަ ކަމަކަށް އަޅުގަނޑު އެދެން ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ނުވަތަ ސޫމޯޓޯކޮށް މި މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން، ކަމާބެހޭ ކޮމިޓީތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާނޫނީ ގޮތުން ކުރައްވަން ޖެހޭ ކަމެއް ވެސް ކޮށްދެއްވުމަށް،” ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓުން ބައެއް ބާރުތައް ހިފެހެއްޓުމަށް ވެސް ހުށަހަޅާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށް މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމާއި މަޖިލީހުން ފާސްކުރާ ގާނޫނުގެ އެކިއެކި މާއްދާތަކާއި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދިނުމަށްވެސް ބަންޑާރަ ނައިބް ވަނީ އެދިވަޑައިގެންފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުން ޖޭއެސްސީއަށް ލާޒިމްކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށްވެސް ރިއްފަތު އެދިވަޑައިގަތެވެ.

Leave a Reply

Your email address will not be published.

haftha.mv ©