މުޙައްމަދު އިބްރާހިމް
14 June 2019
މަޤްބޫލު ޙަބަރު

ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ހުއްދައާއެކު އަދީބު ބޭސްފަރުވާއަށް މިއަދު ވަޑައިގަތީ އިންޑިއާގެ ބެންގަލޫރަށެވެ. އަދީބާ އެކު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށެވެ. ފަރުވާއަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާނަމަ މިމަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑާއިގަތުމަށް ޓިކެޓް ނަގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަދީބު މިއަދު އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު އޭނާގެ ޕާސްޕޯޓެއް ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ފުރުވާލަނީ ޓްރެވަލް ޑޮކިއުމެންޓެއްގަ އެވެ. އަދި އެކަން އިންޑިއާގެ ސަރުކާރަށް ވެސް އަންގާފައިވާއިރު އެހެން ގައުމަކަށް އަދީބަށް ވަޑައިނުގެނެންވޭނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މިނިސްޓަރު އިމްރާން ވެސް ވިދާޅުވީ، އަދީބު އިންޑިއާއަށް ވަޑައިގަންނަވާތީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 18 ގަ އެވެ. އެކަމަކު ބޭސްފަރުވާ އަށް ފުރާވަޑައިގަތުމާ އެކު މިއަދުން ފެށިގެން އެ ހުކުމް ތަންފީޒުކުރުން މެދުކެނޑޭނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©