މުޙައްމަދު އީމާން
14 June 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ އިސް ބޭފުޅުން ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ، މި ދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް އާއި އެ ޕާޓީގެ ރައީސް ނަޝީދުގެ އިތުރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުންނާއި ޕާލިމެންޓަރީ ގުރޫޕްގެ ބައެއް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މިއީ ސްރީ ލަންކާގައި ބޮން ގޮއްވައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއެކުގައި ތިބިކަން ހާމަކުރަން ކުރާ ދަތުރެއް ކަމަށް ވެސް އެޕާޓީން ބުނެއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ލަންކާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާނެ އެވެ. އެގޮތުން ލަންކާގެ ބޮޑުވަޒީރު ރިނަލް ވިކްރަމަސިންހަ އާއި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާ ވެސް ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ލަންކާއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހު އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ގިނަ ހަރަކާތްތައް ލަންކާގައި ބާއްވަ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، ސިޔާސީ ހަރަކާތްތައް ހިންގެވީ ވެސް ލަންކާގަ އެވެ.

އެމްޑީޕީގެ އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ވެސް އަމިއްލައަށް އަރުވާލެވިގެން ވެސް ލަންކާގައި ދިރިއުޅުއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©