މުޙައްމަދު އިބްރާހިމް
16 June 2019
މަޤްބޫލު ޙަބަރު

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުލޫކީ މައްސަލަ ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އޭރު ހައްޔަރު ކޮށްފައި ތިބި ސިޔާސީ ލީޑަރުންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރަން ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަމުރެއް ނެރު ނެވެ.

ނަމަވެސް އެ އަމުރާ ގުޅިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ. އަދި ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރަކުން ފަހުން ވަނީ ކުރީގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ، ފެބްރުއަރީ އެކެއްގެ އަމުރު ނެރުމަށް ސޮއި ކުރުމަށްފަހު، ފަހުން އެ އަމުރު ބާތިލް ކުރި ތިން ފަނޑިޔާރުން ކަމަށްވާ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށެވެ.

އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އަދި އެކަމާ ގުޅިގެން ޖޭއެސްސީން ވެސް ވަކި އެއްޗެއް އަދި ވިދާޅެއްނުވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް އެ ކޮމިޝަނުން ދަނީ ބަލަމުން ނެވެ.

އެ މައްސަލާގައި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނަމަވެސް، އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ފަނޑިޔާރު ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށާއި ފަނޑިޔާރު ދީދީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©