މުޙައްމަދު އިބްރާހިމް
16 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުުރުމަށް ބޭނުންވާ 10 ސްކޫލް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019ގެ ވެބްސައިޓުގައި ބުނާގޮތުން 103.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.6 ބިލިއަން ދިވެހި ރުފިިޔާ)ގެ އެ މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރާނީ 45 ކުލާސްރޫމްގެ 10 ސްކޫލެވެ.

އަދި ކޮންމެ ސްކޫލެއްގައި މަލްޓި-ޕާޕަސް ހޯލް އަކާއި ސްކޫލަކުން ލިބެން ހުންނަންޖެހޭ ހިދުމަތްތައް ގާއިމްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ސްކޫލްތައް އަޅާނީ ކޮން ތަންތަނެއްގައި ކަމެއް ޕްރޮޖެކްޓުގައި ބުނެފައެއްނުވެ އެވެ.

އިތުރު 10 ސްކޫލް އެޅުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދޭ 53 ސްކޫލެއް ވެސް އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ކަމަށް ޕްރޮޖެކްޓުގެ މައުލޫމާތުގައި ބުނެފައިވެ އެވެ.

އެގޮތުން އެ ސްކޫލްތަކަށް އިތުރު ކުރަންޖެހޭ ކުލާސް ރޫމް ތަކާއި ސައިންސް ރޫމް ތަކާއި ލައިބްރަރީސްތަކާއި އޯޑިއޯ ވިޝުއަލް ރޫމްތަކާއި ބަދިގެ އަދި ސްޓާފް ރޫމްތައް ގާއިމް ކުރެވޭނެ އެވެ.

ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލް އަޅަން ސަރުކާރުން ފައިސާ ހޯދަން ތައްޔާރުވަމުންދާއިރު، މިހާރު ރާއްޖޭގައި 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެ އެވެ.

ނަމަވެސް އެއްދަންފަޅިއަށް ބަދަލުކުރަން ހެދި އޮޑިޓްގައި ބުނާގޮތުން އެކަން ކުރުމަށް ބޭނުންވާ ކުލާހާއި ވަސީލަތްތައް ނެތުމުގެ ސަބަބުން އިތުރު ސްކޫލްތަކެއް އަޅަންޖެހެ އެވެ.

އަދި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ އެންމެ ބޮޑު ގޮންޖެހުމެއް ވެސް އޮތީ މާލެ ސަރަހައްދައްކަން އެ އޮޑިޓްގައި ބުނެފައިވާއިރު، މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރަން ބަލާއިރު، ސްކޫލްތަކުގައި ހުސް ޖާގައެއް ނެތްކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، 2023 ވަނަ އަހަރު އައުމުގެ ކުރިން ހުރިހާ ސްކޫލެއް އެއްދަންފަޅި ކުރުމަށް ބޭނުންވާ 838 ކުލާސްރޫމާއި ވަސީލަތްތައް ގާއިމްކުރަން 237.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©